ޑިޕާޓްމަންޓް އޮޕް ޖުވެނައިލް ޖަސްޓިސް އަކީ ކުޑަކުދިން ކުރާ ޤާނޫނާ ޙިލާފު ޢަމަލުތަކާގުޅޭ މައްސަލަތައް ބެލުމުގައި ކުޑަކުދިންގެ މަންފާއަށްޓަކައި މަސައްކަތްކޮށްދީ، އެކުދިން ހެޔޮގޮތުގައި މުޖުތަމަޢަށް ރުޖޫޢަކުރުމުގައި އިސް ދައުރެއް އަދާކުރާ އިދާރާއެކެވެ. މި ޑިޕާޓްމަންޓްގައި މަސައްކަތްކުރާނީ، ކުޑަކުދިންގެ މައްސަލަތަކަށް ޙާއްޞަކޮށްފައިވާ، އަދި އެކަމަށް ޙާއްޞަ ތަމްރީން ލިބިފައިވާ މުވައްޒަފުންނެވެ.
ތަސައްވުރު
ކުޑަކުދިންނަކީ ޤާނޫނުތަކަށް ކިޔަމަންތެރި، ޤާނޫނާ ޚިލާފު ޢަމަލުތަކުން ދުރުހެލިވެފައިވާ، ދުޅަހެޔޮ އަމާންވެއްޓެއްގައި ދިރިއުޅެމުންދާ، ޒިންމާދާރު ބަޔަކަށްވުން.
އަމާޒު
ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރެއިން ޤާނޫނާ ޚިލާފު ޢަމަލުތަކުގައި ޝާމިލުވާ ކުޑަކުދިނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ އަނބުރާ މުޖުތަމަޢަށް ގެނައުން.
މައިގަނޑު މަސައްކަތްތައް
ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު)ގެ 18 ވަނަ މާއްދާއިން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ މަސްޢޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަން ތިރީގައި މިވަނީއެވެ.
- ޤާނޫނާ ޚިލާފުވާ 18 (އަށާރަ) އަހަރުން ދަށުގެ ކުދިންގެ މައްސަލަތައް ފުލުހުން ހުށަހެޅުމުން، އެކުދިންގެ މަޞްލަޙަތު ހިމާޔާތްކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކޭސް ވަރކްކުރުމަށާއި، އަދި އެކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށް ރީހެބިލިޓޭޝަން ޕްރޮގްރާމް ހިންގުން.
- ތަޙްޤީޤު މަރުޙަލާގައި ކޯޓަށް ހާޒިރުކުރެވޭ ކުދިންނާއި، ޖިނާއީ ދަޢުވާ އުފުލިފައިވާ ކުދިންގެ މަޞްލަޙަތު ހިމާޔަތްކޮށްދިނުމަށްޓަކައި ޝަރީޢަތަށް ހާޒިރުވުން.
- ކުޑަކުދިން ކުށްކުރުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް ކުރަންޖެހޭ ދިރާސާތައް ކުރުން.
- ކުޑަކުދިން ކުށްކުރުމުން ދުރުހެލިކުރުމަށް ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.
- މި ޤާނޫނުގެ ދަށުން ހިންގޭ ޑައިވަރޝަންގެ ޕްރޮގްރާމްތަކާއި ކޮމިއުނިޓީ ކޮންފަރަންސިންގ ރާވައި ހިންގުން.
- ކުށަށް އަރައިގަންނަ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ހިންގަންޖެހޭ ރީހެބިލިޓޭޓިވް ޕްރޮގްރާމްތައް ކަމާބެހޭ އިދާރާތަކުގެ ބައިވެރިވުމާއެކު ރާވައި ހިންގުން.
- ކުޑަކުދިންގެ މަރުކަޒުތަކުގައި ބަންދުގައި ތިބޭ ކުދިންގެ ހާލަތު މޮނިޓަރކުރުން އަދި ބަންދުކުރާ ތަންތަން މޮނިޓަރކުރެވޭނެ ނިޒާމެއް އެކުލަވާލައި ގަވާއިދުން މޮނިޓަރކުރުން.
- ޑިޕާޓްމަންޓްއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅިދާނެކަމަށް ފެންނަ ކުދިންގެ މައްސަލަތަކުގައި ނަފްސާނީ އަދި އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދީ އަދި ހުރިހާ މަރުޙަލާއެއްގައި ކުޑަކުދިންގެ ޙައްޤުތަކާއި މަޞްލަޙަތު ޙިމާޔަތްކުރޭތޯ ބެލުން.
- ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ކުޑަކުދިންނާ މުޢާމަލާތުކޮށް، އެކުދިންނާމެދު ފިޔަވަޅު އެޅުމުގައި މަސައްކަތްކުރާ ފަރާތްތައް ދެނެގަނެ އެފަރާތްތަކަށް ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުން.
- މުޖުތަމަޢުގައި ކުޑަކުދިން ކުށްކުރަން ދިމާވާ ސަބަބުތައް ދެނެގަތުމުގެ ގޮތުން ދިރާސާތައް ކުރުމާއި، މި މަޢުލޫމާތު ކަމާބެހޭ މުއައްސަސާތަކާ ހިއްސާކުރުން.
- ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސް ހިސާބު އެއްކުރުމާއި، ކަމާބެހޭ ޑޭޓާބޭސްއެއް ގާއިމުކުރުމާއި ބެލެހެއްޓުން.
- ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް މުޖުތަމަޢު އަހުލުވެރިކުރުމުގެ ގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން.
- ބައިނަލްއަގުވާމީ މިންގަނޑުތަކާއި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް ކަމާބެހޭ ދާއިރާތައް އަހުލުވެރިކުރުމުގެ ގޮތުން ތަމްރީން ޕްރޮގްރާމްތައް ހިންގުން.
- ކުށްކުރާ ކުދިންގެ ތެރެއިން މުޖުތަމަޢުން އެކަހެރިކުރަންޖެހޭ ކުދިންނަށް ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމާއި، މިފަދަ ކުދިން ބައިތިއްބާނެ މަރުކަޒުތައް ގާއިމުކޮށް، އެ މަރުކަޒުތައް ހިންގައި ބެލެހެއްޓުން.