ޑައިވަރޝަން
ޤާނޫނާ ހިލާފުވާ ކުއްޖެއްގެ މައްޗަށް ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގައި ވީވަރަކުން ބަލަންވާނީ، ކުއްޖާގެ މައްޗަށް ޖިނާޢީ ދަޢުވާ އުފުލުމުގެ ބަދަލުގައި، އެކުއްޖާގެ އާއިލާއާއި މުޖުތަމައުގެ ބައިވެރިވުމާއެކު ކުއްޖާ އިސްލާޙުކޮށް، ހެޔޮގޮތުގައި މުޖުތަމައަށް އަނބުރާ ގެނައުމަށްޓަކައި އެޅެންހުރި އެންމެ އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް އިސްކަންދީ، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ އަށްވަނަ ބާބުގެ ދަށުން ޑައިވަރޝަންގެ ފިޔަވަޅު އެޅުމަށެވެ. އެގޮތުން، ކުޑަކުއްޖަކާމެދު އެޅޭ ޑައިވަރޝަންގެ ކޮންމެ ފިޔަވަޅެއްވެސް ވާންވާނީ، އެކުއްޖާގެ އިންސާނީ ޙައްޤުތަކަށް އުނިކަމެއް ނާންނާނެ ގޮތުގެމަތިން، އަދި އެކުއްޖާއަށް ލިބިދޭންޖެހޭ އެންމެހައި ޤާނޫނީ ރައްކާތެރިކަމެއް ލިބިދެވޭ ގޮތެއްގެމަތިން އެޅޭ ފިޔަވަޅުތަކެއް ކަމުގައެވެ.
ގާނޫނާ ޚިލާފުވާ ކުދިންގެ މައްޗަށް ޤާނޫނު ތަންފީޒުކުރުމުގައި، ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ކޮންމެ މަރުޙަލާއެއްގައިވެސް އިސްކަންދޭންވާނީ ކުއްޖާގެ މައްޗަށް ދައުވާ އުފުލުމަކާ ނުލައި، ޤާނޫނުގެ ވެރިކަމާއި ގާނޫނީ ޙައްޤުތައް ރައްކާތެރިކޮށްދޭ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން އެންމެ ފުރަތަމަ ޑައިވަރޝަންގެ ނިޒާމުގެ ދަށުން މުޖުތަމަޢުގެ ތެރޭގައި މައްސަލައަށް ފިޔަވަޅު އެޅުމަށެވެ.
ޑައިވަރޝަންގެ ޕްރޮގްރާމް
ޑައިވަރޝަން ޕްރޮގްރާމަކީ ޤާނޫނާ ޚިލާފުވާ ކުދިންނަށް ޝަރުޢީ ނިޒާމުން ބޭރުން ފުރުސަތުތައް ހޯދާދިނުމަށެވެ. މިގޮތުން ޕްރޮގްރާމްތައް އެކުލަވާލައި އެ ޕްރޮގްރާމްތަކުގެ އެހީގައި ކުދިން ބައިވެރިކޮށް އަނބުރާ މުޖުތަމައަށް ގެނެއުމަށް އެހީތެރިވުމުގެގޮތުން ހިންގޭ ބަދަލު ޕްރޮގްރާމްތަކަކީ ކުށުގެ ތުހުމަތު ކުރެވޭ ހިސާބުން ފެށިގެން (ހައްޔަރުނުކުރިނަމަވެސް) ޝަރީޢަތުގެ ކުރިން ކުއްޖާއާމެދު ގޮތެއް ނިންމުމުގެ ކުރިންވެސް ދެވިދާނެ ފުރުސަތެކެވެ.
ޑައިވަރޝަން ޕްރޮގްރާމަށް ފޮނުވުމުގެ އިހްތިޔާރު ލިބިގެންވާ މުއައްސަސާތައް
- ދިވެހި ފުލުހުންގެ ޙިދުމަތް
- ފުލުހުން ފިޔަވައި ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ތަހްގީގުކުރުމަށް ގާނޫނަކުން އުފައްދާ ތަހްގީގީ އިދާރާއެއް
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ޤާނޫނާ ހިލާފުވާ ކުއްޖެއްގެ މައްޗަށް ޑައިވަރޝަންގެ ނިޒާމުގެ ދަށުން އެޅިދާނެ ފިޔަވަޅުތައް
- ކުށުގެ ޝިކާރައަކަށް ވީ ކުއްޖާ، އަނިޔާ ލިބުނު ފަރާތުގެ ކިބައިން ލިޔުމުން ނުވަތަ އަނގަބަހުން މައާފަށް އެދުން
- ކަނޑައެޅިފައިވާ މުއްދަތަކަށް ތަޢުލީމުދޭ މަރުކަޒަކަށް ގަވާއިދާ އެއްގޮތަށް ދިއުމަށް ކުއްޖާއަށް އެންގުން
- ކަނޑައެޅިފައިވާ މުއްދަތަކަށް ކުއްޖާގެ އާއިލާ އަދި/ނުވަތަ ބެލެނިވެރިޔާއާއެކު ނުވަތަ ބަލަދުވެރިޔާއާއެކު ވަގުތު ހޭދަކުރުމަށް އެންގުން
- ކުއްޖާގެ އުޅުމަށް ހެޔޮ ބަދަލު އަންނާނެ ފަދަ ކަނޑައެޅޭ ވަކި މިންގަނޑުތަކަކަށް ފެތޭ ގޮތަށް ކުއްޖާގެ އުޅުން ގެންގުޅުމަށް ކުއްޖާއާއި އޭނާގެ ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާއާ ދެމެދު ވެވޭ އެއްބަސްވުމަކާ އެއްގޮތަށް އަމަލުކުރުމަށް ކުއްޖާއަށް އެންގުން
- ކުއްޖާގެ އުޅުން މޮނިޓަރކުރުމަށްޓަކައި ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ކަނޑައެޅިފައިވާ ގޮތަކަށް ޕްރޮބޭޝަން އޮފިސަރަކަށް ރިޕޯޓުކުރުމަށް އެންގުން
- ކައުންސެލިންގ، ގްރޫޕް ކައުންސެލިންގ، އަދި ފަރުވާ ލިބިދެނިވި ހަރަކާތްތަކުގައި ކުއްޖާ ބައިވެރިވުމަށް އެންގުން
- ޒިންމާދާރު މީހެއްގެ އިރުޝާދުގެ ދަށުން ކުއްޖާގެ އުޅުން މޮނިޓަރކުރުމަށް އެންގުން
- ވޮކޭޝަނަލް ޓްރެއިނިންގ ނުވަތަ ރީހެބިލިޓޭޝަން ޕްރޮގްރާމެއްގައި ބައިވެރިކުރުވުން
- ކުއްޖާގެ ފަރާތުން ލިބިފައިވާ ގެއްލުމަށް ބަދަލުދިނުމަށް އެންގުން
- ކުއްޖާ ހިންގި އަމަލުގެ ސަބަބުން އަނިޔާ ލިބުނު ފަރާތަށް ލިބުނު ގެއްލުން އިއާދަކުރުމަށްޓަކައި އެފަރާތުގެ ރުހުމާއެކު، އެކަން ރަނގަޅުކުރުމަށް ކަމެއް ކޮށްދިނުން
- އަނިޔާ ލިބުނު ފަރާތަށް ގެއްލުމުގެ ބަދަލެއް ދިނުމަށް އެންގުން
- ޖޫރިމާނާއެއް ދެއްކުމަށް ކުއްޖާއަށް އެންގުން
- މުޖުތަމަޢަށް ޚިދުމަތް ކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުން ނުވަތަ އެފަދަ މަސައްކަތެއް ކުރުމަށް އެންގުން
- ކޮމިއުނިޓީ ކޮންފަރެންސިންގއަށް ފޮނުވުން
- ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކުއްޖާއާ އެކަށޭނަ އެނޫންވެސް ރުޖޫއީ އިންސާފުގެ އުސޫލަށް ބިނާވެފައިވާ ފިޔަވަޅެއް އެޅުން
- ކެއަރ އެންޑް ވެލްފެއަރ އޯޑަރ
- ހަރުދަނާ މައިންބަފައިން ތަމްރީންކުރުމުގެ ޕްރޮގްރާމް ހިންގުން
*ޑައިވަރޝަންގެ ފިޔަވަޅެއް އެޅުމުގައި އެޅިދާނެ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅަށްވުރެ ގިނަ ފިޔަވަޅު އެޅުމަށް ނިންމިދާނެއެވެ.
ރުޖޫޢީ އިންސާފު ފަލްސަފާ (ރެސްޓޮރޭޓިވް ޖަސްޓިސް)
- ރުޖޫއީ އިންސާފު" އަކީ ކުށުގެ ސަބަބުން ސީދާ އަސަރުކުރި ފަރާތްތައް އެކުވެ، އެފަރާތްތަކުގެ އިހުސާސްތަކާއި ބޭނުންތައް ދެނެގަނެ، އަދި މީހުންނަށާއި ގުޅުންތަކަށް ލިބުނު ގެއްލުން ފޫބެއްދޭނެ ގޮތެއް އެކުލަވާލައި، ކުއްޖާގެ ފަރާތުން މިފަދަ ކަމެއް ތަކުރާރުނުވާނެ ގޮތް ހޯދުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ.