ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން ކުރިއަށް ގެންދާ 10 ވަނަ ޖުވެނައިން ޖަސްޓިސް ތަމްރީނު 2025 އޮކްޓޫބަރ 26 ވީ އާދީއްތަ ދުވަހު ހެނދުނު ފަށައިފިއެވެ. ޖުމުލަ 28 ބައިވެރިންނާއެކު ކުރިއަށް ގެންދާ މި ތަމުރީނު ކުރިއަށްދާނީ މި އޮކްޓޫބަރ 26 އިން 30 އަށް ހއ ހޯރަފުށީގައި ހުންނަ ޖުވެނައިލް ހާފްވޭ ހައުސްގެ ކޮންފަރެސް ރޫމުގައެވެ. މިތަމުރީނަކީ ޔުނިސެފް މޯލްޑިވްސްގެ މާލީ އެހީތެރިކަމާއެކު ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ޑިޕާރޓްމަންޓް އޮފް ޖުވެނައިން ޖަސްޓިސްއިން ކުރިޔަށްގެންދާ ތަމުރީނެކެވެ.
ޖުވެނައިލް ޖަސްޓިސް ތަމުރީނަކީ ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) އަދި ބައިނަލް އަޤްވާމީ މިންގަނޑުގެ އިތުރުން ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި އެކި ހައިސިއްޔަތުން ކުޑަކުދިންނާއި މުއާމަލާތްކޮށް، ގޮތް ނިންމާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ އިސްނެންގެވުމަކަށް ކުރިއަށް ގެންދެވޭ އަސާސީ ތަމްރީނެކެވެ. މިއީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހިމެނޭ 5 މުއައްސަސާ އާއި ގުޅިގެން، މި ނިޒާމުގައި އެކި ހައިސިއްޔަތުން ކުޑަކުދިންނާއި މުއާމަލާތްކޮށް އެކުދިންގެ މަސްލަޙަތުގައި ގޮތް ނިންމާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގޭ ތަމުރީނެކެވެ. އަދި މިއީ މިއަހަރު ކުރިއަށް ގެންދާ މިފަދަ ދެވަނަ ތަމުރީނެވެ. މިހާތަނަށް މި ޑިޕާޓްމަންޓުން ކުރިއަށް ގެންދިޔަ ތަމުރީނުތަކުން ޖުމްލަ 287 ފަރާތެއްވަނީ ތަމްރީން ފުރިހިމަ ކުރައްވާފައެވެ.
އަލަށް ކުށްކުރާ ކުދިން ޖަލަށް ލުމުގެ ބަދަލުގައި މުޖުތަމައަށް ހެޔޮ ގޮތުގައި ނުކުމެވޭނެގޮތް މަގުފަހިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހާއްޞަ އިސްކަމެއްދެއްވައިގެން ސަރުކާރުން ކުރިޔަށްގެންދަވާ މަސައްކަތެކެވެ. އަދި ކުށުގެ ވެއްޓަށް އަލަށް ވަދެވޭ ކުޑަކުދީންނާއި ޒުވާނުން މުޖުތަމައަށް އަނބުރާ އަހުލުވެރި ކުރުމަށްޓަކައި، ބޮޑެތި ޖަލު ޙުކުމްތައްކުރުމާއި ހަރުކަށި އަދަބުތައް ދިނުމުގެ ބަދަލުގައި، އިޖުތިމާޢީ ޚިދުމަތުގެ ޚާއްޞަ ވެށްޓަކާއި އިންތިޒާމުތަކެއްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދީ، ބިނާކުރަނިވި ފަރުދުންގެ ގޮތުގައި މުޖުތަމައަށް އަލުން ނުކުމެވޭނެފަދަ ހަރުދަނާ ސިޔާސަތުތަކެއް އަދި އިންތިޒާމުތަކެއް، ސަރުކާރުންއަންނަނީ ޤާއިމުކުރަމުންނެވެ.
