2025 މޭ 21 ވަނަ ދުވަހު ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާ، ނޭޝަނަލް ޑްރަގް އޭޖެންސީއާ ދެމެދު ވެވުނު ފަހުމުނާމާގައި ސޮއިކުރެއްވިއެވެ. މި ފަހުމުނާމާގައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަޙްމަދު ޞިއްދީޤްއެވެ. އަދި ނެޝަނަލް ޑްރަގް އޭޖެންސީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލްއުސްތާޛާ ލުބްނާ ޒާހިރެއެވެ.
މި ފަހުމުނާމާއަކީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫން (ޤާނޫން ނަންބަރު 2019/18) އިން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އަށް ހުށަހެޅޭ ކުޑަކުދިންނާއި ގުޅޭ މައްސަލަތަކުގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލުވާ ކުދިންނާއި، ނަފްސާނީ އެހީތެރިކަން ބޭނުންވާ ކުދިންނަށް، ބޭނުންވާ ޚާއްސަ ފަންނީ އެހީތެރިކަން އަވަސް ފުރުޞަތެއްގައި ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ޑީޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އާއި ނޭޝަނަލް ޑްރަގް އޭޖެންސީއާ ދެމެދު ވެވުނު ފަހުމުނާމާއެކެވެ. މި ފަހުމުނާމާގެ ސަބަބުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މަސްތުވާ ތަކެއްޗާ ގުޅުންހުރި މައްސަލަތަކުގައި ކުދިންނަށް ދޭންޖެހޭ އެހީތެރިކަން ދިނުން އަވަސްވެގެންދިއުމުގެ އިތުރުން، ނަފުސާނީ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ދޭންޖެހޭ ފަންނީ އެހީތެރިކަން ދިނުން އަވަސްވެ މަސައްކަތްތައް ތަރުތީބުވެގެންދާނެއެވެ.