ޤާނޫނުތައް ހެދިފައި ހުންނަ ގޮތުން ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކުރުމުގައި އިދާރާތަކަށް ދަތިވޭ: އިހްސާން

ޤާނޫނުތައް ހެދިފައި ހުންނަ ގޮތުން ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކަކާއި އެކި އިދާރާތަކަށް ކުރިމަތިވާކަމަށާއި ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކުރުމުގައި ގިނަ ދަތިތަކާއި ކުރިމަތިލާންޖެހޭ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއިބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ, ކުޑަކުދިންގެ އަދުލުގެ ޤާނުނު ތަންފީޒު ކުރުމުގައި ގުޅިފައިވާ މުއައްސަސާތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަތުމަށާއި، އެގޮންޖެހުންތައް ޙައްލުކުރުމަށް ހޯމް މިނިސްޓްރީގެ ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް އާއި ޔުނިސެފް އާއި ގުޅިގެން ބާއްވާ ޖުވެނައިލް ޖަސްޓިސް ސިމްޕޯޒިއަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނެއް ފާސްކޮށް ތަންފީޒުކުރެވެމުން ދިޔުމަކީ ރާއްޖޭގެ ދުސްތޫރީ ޙަޔާތުގައި ޤާނޫނު ނެގެހެއްޓުމުގެ ދާއިރާއިން ނެގުނު އެންމެ މުހިއްމު އެއް ފިޔަވަޅުކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް މިޤާނޫނަށްވެސް ޒަމާނަށް އަންނަ ބަދަލުތަކާއި ކުށުގެ މާހައުލަށް

އަންނަ ބަދަލުތަކާއި އެއްހަމަ އިސްލާހުތައް ގެނެވިފައި ނެތްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި މިފަދަ މުހިއްމު ޤާނޫނެއް އަދާހަމަކޮށް ބޭއްވުމުގައި އިހުމާލުތަކެއް ވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 3 ދުވަހުގެ މުއްދަތަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށްގެންދާ ޖުވެނައިލް ޖަސްޓިސް ސިމްޕޯޒިއަމް މަޤްޞަދަކީ، ކުޑަކުޑިންގެ ޢަދުލުގެ ޤާނޫނު ތަންފީޒުކުރުމުގައި ދައުލަތުގެ މުއައްސަސާތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަތުމާއި، އެކަންކަން ޙައްލުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމާއި، ޢއެކްޝަން ޕްލޭނެއް އެކުލަވާލައި ޢަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތައް ގުޅިގެން މަސައްކަތްކުމެވެ.