ކުށްތަކަށް ހުށަހެޅޭ ކުޑަކުދިންގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުގެ ތަޞައްވުރެއް: ވަޒީރު ޢިހުސާން

ރާއްޖޭގެ ކުށުގެ ވެށީގައި އުޅޭ ކުޑަކުދިންގެ މައްސަލަ އެއްކޮށް ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒުގެ ތަޞައްވުރެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ. މިނިސްޓަރ އިހުސާން މިހެން ވިދާޅުވީ ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓުގެ އައު ލޯގޯ އިފްތިތާޙް ކޮށްދެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ޑިޕާޓްމަންޓުގެ ލޯގޯ އިފްތިތާޙް ކުރުމަށްފަހު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓުގެ މަސައްކަތަކީ ރާއްޖޭގައި މިވަގުތު ކުރެވޭ އެންމެ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެކެއް ކަމަށެވެ.

އަދި ކުޑަކުދިން ޢަދުލުގެ ނިޒާމުގެ ތެރެއަށް ނުގޮސް އެކުދިންނަށް ރަނގަޅު ކުރިމަގެއް ހޯދައިދީ ކާމިޔާބު ޒުވާނުންނަށް ހެދުމުގެ މަސައްކަތަކީ އެ ޑިޕާޓްމަންޓާއި ހަވާލުކުރެވިފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ.

މި ޑިޕާޓްމަންޓުގެ މަސައްކަތް މިހާތަނަށް ކުރެވެމުން އައިއިރު، އެކަށީގެންވާ ވަރަށް ވަސީލަތްތައް ޤާއިމް ކުރެވިފައި ނެތްކަން ފާހަގަކުރައްވައި، މިނިސްޓަރ ވިދާޅުވީ މިސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި އެ އިދާރާއަށް ބޭނުންވާ ހުރިހާ ވަސީލަތެއް ހޯއްދަވައި ދެއްވުން ކަމަށެވެ.

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އަކީ 2020 ވަނަ އަހަރު ޢަމަލުކުރަން ފެށި، ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ދަށުން ޤާއިމްކޮށްފައިވާ އިދާރާއެކެވެ. މި ޑިޕާޓްމަންޓުގެ މައިގަނޑު މަޤްޞަދަކީ ކުޑަކުދިން ކުރާ ޤާނޫނާ ޚިލާފު އަމަލުތަކާ ގުޅޭ މައްސަލަތައް ބެލުމުގައި ކުޑަކުދިންގެ މަންފާއަށްޓަކައި މަސައްކަތްކޮށް، އެކުދިން ހެޔޮގޮތުގައި މުޖުތަމަޢަށް ރުޖޫއަކުރުމުގައި އިސް ދައުރެއް އަދާކުރުމެވެ.

ޑިޕާޓްމަންޓުގެ ލޯގޯ އިފްތިތާޙުކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓުގެ މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.