ޖުވެނައިލް ހާފްވޭ ހައުސް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި

ހއ. ހޯރަފުށީގައި ގާއިމުކުރާ ޖުވެނައިލް ޖަސްޓިސް ޔުނިޓް، ހާފްވޭ ހައުސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ. މި ސެންޓަރު ހުޅުވައި ދެއްވާފައިވަނީ އެކަމަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒުއެވެ. ހާފްވޭ ހައުސް ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އެތަނުގެ ދިދަ ނަންގަވައިދެއްވާފައެވެ. 

މި ރަސްމިއްޔާތުގައި މިނިސްޓަރު އަލީ އިހުސާނާއި ސްޓޭޓް މިނިސްޓަރު އަހުމަދު ސިއްދީގުގެ އިތުރުން ޖުވެނައިލް ޖަސްޓިސް ޑިޕާޓްމެންޓްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކުޑަކުދިންގެ ޖިނާޢީ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މާލޭގައި ޤާއިމްކުރެވިފައިވާ ޚިދުމަތްތައް ލާމަރުކަޒުކޮށް އަތޮޅުތަކަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.  މި ހާފްވޭ ހައުސް އަކީ ކުރު މުއްދަތަކަށް ނުވަތަ ދިގު މުއްދަތަކަށް އެކަހެރިކޮށްގެން ފަރުވާ ދޭންޖެހޭ ކުދިންނަށް ފަރުވާ ދެވޭނެ ނިޒާމެއް ހަމަޖެއްސުމަށް ތަރައްޤީކޮށްފައިވާ މަރުކަޒެކެވެ. އިސްލާހީ ފިޔަވަޅުތައް އެޅުމަށްޓަކައި ދިގުމުއްދަތަކަށް ބަންދުގައި ތިބުމަށްފަހު، އެކުދިންގެ ހާލަތައް ބިނާކޮށް ކުއްޖާއަށް ބޭނުންވާ ހާއްސަ ފަރުވާތައް ވެސް އެތަނުން ދިނުމަށް ހަމަޖެހިފައިވެއެވެ. މިއީ އަންހެނުން ކުދިންނާއި ފިރިހެން ކުދިންނަށް ހާއްސަކޮށްގެން ވަކި އެކޮމޮޑޭޝަން ބްލޮކްތަކެއް ގާއިމްކޮށްފައިވެއެވެ.